އިބްރާހިމް ނާސިރު އިންޓަނޭޝަނަލް އެއާޕޯޓް (އައިއެންއައިއޭ) ހިންގުމަށް
އިންޑިއާގެ ޖީއެމްއާރާއެކު ވެފައިވާ އެއްބަސްވުން އުވާލުމުން ބަދަލުގެ
ގޮތުގައި ޖީއެމްއާރުން އެދެނީ ވަރަށް ބޮޑު އަދަދެއް ކަމަށާއި އެ ވަރުގެ
ބަދަލެއް ދެވެން ނެތް ކަމަށް ރައީސުލްޖުމްހޫރިއްޔާ އަބްދުﷲ ޔާމީން
އަބްދުލްގައްޔޫމް ވިދާޅުވެއްޖެ އެވެ.
ޖަޕާނަށް ކުރައްވާ ރަސްމީދަތުރުފުޅުގައި މިއަދު ފުރާވަޑައިގަތުމުގެ ކުރިން
ނޫސްވެރިންނާއި ވާހަކަފުޅު ދައްކަވަމުން ރައީސް ޔާމިން ވިދާޅުވީ
ޖީއެމްއާރާއެކު ސަރުކާރުން ވެފައިވާ އެއްބަސްވުން އުވާލުމާއިއެކު
ޖީއެމްއާރަށް ދޭން ޖެހޭ ބަދަލުގެ ގޮތުގައި ހުށަހަޅާފައިވާ އަދަދަކީ ދޭން
ޖެހޭނެ ވަރުކަމަށް ސަރުކާރުން ނުދެކޭ ކަމަށެވެ.
ނަމަވެސް ޖީއެމްއާރުން ބޭނުންވަނީ ބަދަލުގެ ގޮތުގައި ކިހާވަރެއް ކަމަށް ވިދާޅެއްނުވެ އެވެ.
"ޖީއެމްއާރުގެ ވިސްނުމުގައި ވަރަށް ބޮޑު ބަދަލަކަށް މި އަހަނީ. އެވަރުގެ
ބަދަލެއް ދެވިދާނެ ކަމަކަށްވެސް އަދި ކޮންމެހެން ދޭންވާނެ ކަމަކަށްވެސް
އަޅުގަނޑުމެން ސަރުކާރަކަށް ގަބޫލެއް ނުކުރެވޭ. އެހެންވީމަ އަޅުގަނޑުމެން
މި އުޅެނީ އަދަދު ދިމާނުވާތީ،" ރައީސް ވިދާޅުވި އެވެ.
އެމަނިކުފާނު ވިދާޅުވީ ޖީއެމްއާރުން ބޭނުންވާރަށް ސަރުކާރު ފައިސާ ބަދަލުގެ
ގޮތުގައި ދައްކަން ބޭނުންނުވާތީ އެ ކުންފުނިންވެސް މިހާރު ބޮޑަށް
ބޭނުންވަނީ އާބިޓްރޭޝަނުން ގޮތެއް ނިންމުން ކަމަށެވެ. އަދި އާބިޓްރޭޝަން
މައްސަލަ ނިންމުމުން އިތުރަށް މަޝްވަރާ ކުރަން ޖެހޭނަމަ ކުރާނެ ކަމަށް ވެސް
އެމަނިކުފާނު ވިދާޅުވި އެވެ.
ރައީސް ޔާމިން މީގެ ކުރިން ވިދާޅުވެފައި ވަނީ ޖީއެމްއާރާއިއެކު ދިވެހި
ސަރުކާރުން ވެފައިވާ އެއްބަސްވުން ސަރުކާރުން އުވާލުމާ ގުޅިގެން ދޭން
ޖެހޭނެ ބަދަލަކީ ހަމަ އެކަނި ފައިސާގެ ބަދަލު ކަމަށް ދެކިވަޑައިގަންވާ
ކަމަށެވެ. އަދި ޖީއެމްއާރުން އެދޭނީ ސަރުކާރަށް ދެއްކޭވަރުގެ އަދަދެއްގެ
ފައިސާގެ އަދަދަކަށް ވާނެ ކަމަށް އުއްމީދުކުރައްވާ ކަމަށްވެސް އެމަނިކުފާނު
މީގެ ކުރިން ވިދާޅުވެފައިވެ އެވެ.
ޖީއެމްއާރާއި ދިވެހި ސަރުކާރާ ދެމެދު ސޮއިކުރި އެއްބަސްވުން އުވާލުމުން
ބަދަލުގެ ގޮތުގައި 1.4 ބިލިއަން ޑޮލަރު (21.5 ބިލިއަން ރުފިޔާ) ހޯދަން އެ
ކުންފުނިން ވަނީ ސިންގަޕޫރުގެ އާބިޓްރޭޝަން ސެންޓަރަށް ހުށަހަޅާފަ އެވެ.
No comments:
Post a Comment